ކައުންސިލްތަކުގެ ފައިސާއާބެހޭ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ފައިސާއާ ޕްރޮކިއުމަންޓް ދައިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.
2022 ސެޕްޓެމްބަރ 05 އިން 08 އަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދެވުނު މިތަމްރީނު ޕްރޮގްރާމަކީ، ކައުންސިލްތަކުގެ މަލީ ބަޔާން ތައްޔާރު ކުރުމާއި، ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރި ކުރުވުމާއި، ފައިސާގެ ކަންކަން ބަލަހައްޓާ އެޕްލިކޭޝަން، “ވިޔަ މޮޑިއުލް” ގެ ތަމްރީނު ޕްރޮގްރާމެކެވެ. ލޯކަލް ޤަވަރމަންޓް އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު މިޕްރޮގްރަމުގައި މަޢުލޫމާތު ދެއްވާފައިވަނީ އެ ދެ މުއައްސަސާގެ މުވައްޒަފުންނެވެ.
4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މިތަމްރީނުގައި، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަތޮޅުގެ ރަށު ކައުންސިލްތަކުގެ ފައިސާއާ ގުޅުންހުރި 31 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖާއި، އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް އަލްފާޟިލާ ޝިރުމީނާ ޙުސައިންއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހދ އަތޮޅުގެ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށް އަންނަ އަހަރު ގިނަ ތަމްރީން ޕްރޮގުރާމްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖު ވިދާޅުވިއެވެ. އެގޮތުން މަސައްކަތުގެ ތާވަލުގެ 75 އިންސަތައިގައި ހިމެނެނީ އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީންކުރުމަށް ކުރިއަށްގެންދަން ހުރި ޕްރޮގުރާމްތައްކަން ރައީސް ހާމަކުރެއްވި އެވެ.