ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
މިއަހަރުގެ ފަޚްރުވެރި ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.
27 ސެޕްޓެމްބަރ 2022 ވީ އަންގާރަ ދުވަހު 6:00 ގައި ބޭއްވުނު މިރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފަޟިލް މުޙައްމަދު ސިރާޖެވެ. ޤައުމީ ދިދަ ނަންގަވައިދެއްވުމަށްފަހު، ރައީސް ވާހަކަފުޅު ދެއްކެވިއެވެ.
މިރަސްމިއްޔާތުގައި ދުވަހާ ގުޅޭ ގޮތުން، ކުޅުދުއްފުށީ ސިޓީގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި، އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރގެ ޚާއްޞަ ވީޑިއޯ މެސެޖެއް ދެއްކުން އޮތެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ސްކޫލުތަކުގެ ދަރިވަރުންގެ ޚާއްޞަ ހުށަހެޅުމެއް ގެނެސްދީފައި ވެއެވެ. މިހުށަހެޅުމުގައި ޤައުމީ ދުވަހުގެ ބަޠަލު، މުޙައްމަދު ތަކުރުފާނުގެ ޖިހާދުގެ ޚާއްޞަ ޝަޚްސިއްޔަތުންގެ ފެނިލުމެއް އަދި އެބޭފުޅުންގެ ތަޢާރުފާއި ޚާއްޞަ ޑައިލޮގްތަކެއް ގެނެސްދީފައި ވެއެވެ.
ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލުގެ ބައެއް މެންބަރުންނާއި، މުވައްޒަފުންނާއި ކުޅުދުއްފުށީ ސިޓީގެ މުއައްސަސާތަކުގެ ވެރީންނާއި ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.