ހދ. އަތޮޅު ވޮލީ މުބާރާތް ނޮޅިވަރަންފަރުގައި ފަށައިފި

ހދ. އަތޮޅު ވޮލީ މުބާރާތް ނޮޅިވަރަންފަރުގައި ފަށައިފިއެވެ.

އަންހެން އަދި ފިރިހެން ޑިވިޜަން ހިމެނޭ ގޮތަށް ކުރިޔަށް ގެންދާ މިމުބާރާތުގައި ފިރިހެން 7 ޓީމު އަދި އަންހެން 7 ޓީމު ބައިވެރިވެފައި ވެއެވެ.

ދެގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި، ފިރިހެން ޑިވިޜަންގެ ގްރޫޕް އޭ ގައި ބައްދަލު ކުރާނީ، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބާއި، ޓީމު ފިނޭ އަދި ޓީމު ހަނިމާދޫގެ އިތުރުން ވައިކަރަދޫ ވޮލީ ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ނޮޅިވަރަމު ސީ.އާރު.ސީ އާއި ޓީމު ނައިވާދޫ އަދި ޓީމު ހިރިމަރަދޫ އެވެ.

އަންހެން ޑިވިޜަންގެ ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫގެ އިތުރުން ޓީމު ނޭކުރަންދޫއާއި ނޮޅިވަރަމު ސީއާރުސީ އެވެ. ގްރޫޕް ބީގައި ވާދަކުރާނީ ޓީމު ހިރިމަރަދޫއާއި ޓީމު ނައިވާދޫގެ އިތުރުން ޓީމު ފިނޭ އެވެ.

ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޜަންގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ. އަދި ފިރިހެން ޑިވިޜަންގެ މެޗްތައް ކުޅޭނީ ރޭގަނޑު 8:00 ގައެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެޓީމު ސެމީފައިނަލުގައި ބައްދަލު ކުރާނެއެވެ. ސެމީ ފައިނަލްގެ މެޗްތައް ކުޅޭނީ އޮކްޓޫބަރު މަހުގެ 19 އަދި 20 ގައެވެ. ފައިނަލް މެޗް އޮންނާނީ އޮކްޓޫބަރު މަހުގެ 21 ވާ ހޮނިހިރު ދުވަހު އެވެ.