ހދ. އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން، އަދި ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބް ހޯދައިފި
ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން، އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބް ހޯދައިފިއެވެ.
އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ލައިކަން ހޯދީ އިއްޔެ ހަވީރު ކުޅެވުމު ފައިނަލް މެޗްގައި ޓީމު ހަނިމާދޫއާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލައިކަންގެ ޖާރޒީ ނަންބަރު 2 މަރްޔަމް އަޒީފާއެވެ. އަންހެން ޑިވިޜަންގެ ރަނަރަޕް ޓީމަކީ ޓީމު ހަނިމާދޫއެވެ.
ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބް ހޯދީ ރޭ ކުޅެވުނު ފައިނަލް މެޗްގައި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާރޒީ ނަންބަރު 5 ޙުސައިން ޢަލީ އެވެ. ފިރިހެން ޑިވިޜަންގެ ރަނަރަޕް ޓީމަކީ ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބެވެ.

މުބާރާތް ނިމުމާއެކު މުބާރާތުގެ ޚާއްޞަ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑެއްޔާއި ހަނދާނީ ލިޔުން ޙަވާލު ކުރެވުނެވެ. އަންހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅިންތެރިންނަށް ހޮވިފައިވަނީ ލައިކަންގެ ޖާރޒީ ނަންބަރު 2 މަރްޔަމް އަޒީފާ، ލައިކަންގެ ޖާރޒީ ނަންބަރު 12 ޝަހުމީލާ އަބްދުލްޙަކީމް، ލައިކަންގެ ޖާރޒީ ނަންބަރު 13 ފާތިމަތު ޝިޔާނާ، ޓީމް ހަނިމާދޫގެ ޖާރޒީ ނަންބަރު 14 އައިޝަތު ރީޝާ، ޓީމް ހަނިމާދޫގެ ޖާރޒީ ނަންބަރު 12 އާމިނަތު ވިރާސާ އަދި ޓީމް ފިނޭގެ ޖާރޒީ ނަންބަރު 16 އައިޝަތު ޝަބާނާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަންފަރު ލައިކަންގެ ކޯޗު އަބުދުﷲ ރަޝީދުއެވެ. ފެއާރޕްލޭ ޓީމަކީ ޓީމު ނޭކުރެންދޫއެވެ.

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅިންތެރިންނަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަންބަރު 6 ޢަލީ ޢާމިރާއި، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަންބަރު 12 ޢަލީ ހުޒާމާއި، ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާރޒީ ނަންބަރު 11 އަޝްފާޤު އާދަމާއި، ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާރޒީ ނަންބަރު 9 އަމްދާން ޢަލީއާއި، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަންބަރު 1 އަޙްމަދު ސައިފުﷲ އަދި ޓީމު ހަނިމާދޫގެ ޖާރޒީ ނަންބަރު 16 ޞާދިޤު މޫސާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޅިވަރަމު ކައުންސިލް ރިކްރިއޭޝަން ކްލަބް ކޯޗު ޢަލީ ރަޝީދެވެ. ފެއާރޕްލޭ ޓީމަކީ ޓީމު ހިރިމަރަދޫއެވެ.

މި މުބާރާތަކީ ހދ. އަތޮޅުގެ ކައުންސިލް ތަކާއި، ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގައި 7 ޓީމު އަދި ފިރިހެން ޑިވިޜަންގައި 7 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2022 އޮކްޓޫބަރ 10 ން 22 ގެ ނިޔަލަށް ހދ. ނޮޅިވަރަންފަރުގައެވެ.