ހދ. އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ޤާއިމު ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
ހދ. އަތޮޅުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތް ޤާއިމު ކުރުމަށް ދެފަރާތުގެ ދެމެދުގައި ވެވޭ ފަހުމުނާމާގައި މިއަދު ސޮއިކުރައްވައިފިއެވެ.
މިކަމަށްޓަކައި، ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ އެއޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމެވެ. ހދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖެވެ.
މިރަސްމިއްޔާތުގައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު މިޒުހަތު ނަޢީމު ދެއްކެވި ވާހަކަފުޅުގައި، ހދ. އަތޮޅަކީ އެއޮތޯރިޓީގެ ޑެސްކް ޤާއިމު ކުރެވޭ 6 ވަނަ އަތޮޅުކަން ފާހަގަ ކުރައްވައި، އެއޮތޯރިޓީގެ ޚިދުމަތްތައް ފެށުމުން، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާ ކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ހިމާޔަތް ކުރުމާއި، ހުށަހެޅޭ މައްސަލަތައް ގާތުން ބަލައި އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކަށް ޢަމަލުކުރޭތޯ ބެލުމާއި ރައްޔިތުން ހޭލުންތެރިކުރުމުގެ އިތުރުން އެއޮތޯރިޓީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހދ. އަތޮޅު ކައުންސިލްގެ އިދާރާގައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ޤާއިމު ކުރެވި، އެއޮތޯރިޓީގެ މުވައްޒަފުން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި އެއޮތޯރިޓީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނާ ގާތުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލްގައި ގާއިމުކުރެވޭ ޑެސްކުގައި މަސައްކަތް ކުރުމަން ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވަރަށް އަހަވަށް ފެށިގެންދާނެ ކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.