ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ކަމަށް ޢަބްދުއްސައްތާރު ޙަސަން އިންތިޚާބު ކޮށްފި
ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމަށް، ހަނިމާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަން އިންތިޚާބު ކޮށްފިއެވެ.
ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމަށް ޢަބްދުއްސައްތާރު ޙަސަން އިންތިޚާބު ކޮށްފައިވަނީ، މިއަދު ބޭއްވުނު ހދ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 79 ވަނަ ޢާންމު ޖަލްސާގައެވެ. މިމަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުމުން، މިމަޤާމަށް ކުރިމަތި ލައްވާފައިވަނީ ޢަބްދުއްސައްތާރު ޙަސަންގެ އިތުރުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޒާމިރެވެ.
ނާއިބު ރައީސް އިންތިޚާބު ކުރުމަށް ނެގުނު ވޯޓުގައި އަބްދުއްސައްތާރު ޙަސަންއަށް ލިބިވަޑައިގެންފައިވަނީ 7 ވޯޓެވެ. އަދި ޢަބްދުﷲ ޒާމިރަށް ލިބިވަޑައިގަތީ 4 ވޯޓެވެ. މިޖަލްސާގައި ބައިވެރިވަޑައިގެންފައިވަނީ 11 މެންބަރުންނެވެ.
ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ، ކުރީން އެމަޤާމުގައި ހުންނެވި، ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަމީން މުޙައްމަދު 15 ޖަނަވަރީ 2023 ގައި އެމަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
