32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ހދ. އަތޮޅު އޮޑިޝަން ފަށައިފި
32 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް މިއަތޮޅުން ބައިވެރިކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ އޮޑިޝަން މިއަދު ހެނދުނު ފަށައިފިއެވެ.
ދެދުވަހުގެ މުއްދަތަށް ކުޅުދުއްފުށީގައި ބާއްވާ މިއޮޑިޝަންގައި އަތޮޅުގެ 10 ރަށަކުން ޖުމްލަ 123 ފަރާތަކުން ބައިވެރިވެއެވެ. އެގޮތުން ފޮތުން ކިޔެވުމުގެ ބައިގައި 118 ދަރިވަރުން ވާދަކުރާއިރު ހިތުން ކިޔެވުމުގައި ބައިވެރިވެފައި ވަނީ 5 ފަރާތަކުންނެވެ. މާދަމާ ކުރިއަށް ގެންދާ މިއޮޑިޝަންގައި ބައިވެރިވެފައި ނުވަނީ މިއަތޮޅު ކުމުންދޫ، ފިނޭ އަދި ހިރިމަރަދޫން ނެވެ
މި އޮޑިޝަން ޖަޖުކުރައްވަނީ 1437 ވަނަ އަހަރުގެ އެންމެ އަލިގަދަ ތަރީގެ މަޤާމް ހޯއްދަވާފައިވާ ށ.ފޯކައިދޫ، މާވާގޭ އާދަމް ނަސީމެވެ.
ޤައުމީ ޤުރުއާން މުބާރާތަށް ހޮވޭނީ ކޮންމެ ގޮތްޕަކުންވެސް، މިއޮޑިޝަނުން އެންމެ މަތީ މާކްސް ލިބޭ 2 ފަރާތެކެވެ. ބައިވެރިވެފައިވާ ފަރާތުން އެއްގޮތްޕަށްވުރެ ގިނަ ގޮފީގައި ބައިވެރިވީ ނަމަވެސް، ޤައުމީ މުބާރާތުގައި ވާދަކުރެވޭނީ އިޚްތިޔާރުކުރާ ކޮންމެވެސް އެއް ގޮފީގައެވެ.
32 ވަނަ ޤައުމީ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2017 ގައެވެ.