ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި، ހދ.އަތޮޅު ކައުންސިލުން ޤަރާރެއް ފާސްކޮށްފި
މިޤަރާރު ފާސްކޮށްފައިވަނީ، 16 މާރޗް 2023 ގައި ބޭއްވުނު، ހދއަތޮޅު ކައުންސިލްގެ 84 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާޤުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޙަވާލުކޮށްފައިވާ ކައުންސިލް ތަކުގެ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލުތަކެއް އައިސްފައެއް ނުވާ ކަމާއި، ރަށެއްގައި ދަޢުލަތުގެ އެތަކެއް އިދާރާތައް ޤާއިމު ވެފައިވާއިރު، ލާމަރުކަޒީ ޤާނޫނުގެ އެންމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް، ރަށުގައި ޤާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށްވުރެ ކުޑަވެފައި ފަރަޤު ބޮޑުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް މިޤަރާރުގައި ބަޔާން ކޮށްފައި ވެއެވެ.
މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލުތަކުގެ ވަޒީފާތަކުން ވަކިވެ، އެހެނިހެން ދާއިރާތައް އިޚްތިޔާރު ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އަދި ކިޔަވައިގެން ތިބި ރަނގަޅު މުވައްޒަފުން ހޯދުމަށްވެސް ދަތި ކަމުގައި ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތަޢާރަފްކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފައި ވާއިރު މިހާތަނަށް ހެދިފައިވާ އެންމެހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނިގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ %35 އެލަވަންސެއް ދެމުން ގެންދާއިރު، ކައުންސިލުތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނަށް މިފަދަ އެލަވަންސްތައް ނުލިބި މުސާރާއިގެ ފަރަޤު އިންތިހާއަށް ބޮޑުވެފައިވުމަކީ ސިވިލް ސާރވިސްގެ އެކި އިދާރާތަކުގައި އެއް ހަމައެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމުގައި ދެކޭ ކަމަށް ބަޔާންކޮށްފައި ވެއެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ އުޞޫލުގައި ކައުންސިލްތައް ގިންތި ކުރެވިފައިވާ ގޮތް ބަދަލުކޮށް، ދައުލަތުގެ ވުޒާރާތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި ދެވޭ މުސާރާއިގެ %35 އެލަވަންސް، ކައުންސިލުގެ އިދާރީ ކޮންމެ މުވައްޒަފަކަށް ދިނުމަށް މިޤަރާރުގައި ގޮވާލާފައި ވެއެވެ.
ޤަރާރު: ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ގޮވާލާ ޤަރާރު