ޗާލުހާދާލު ފޮޓޮގްރަފީ މުބާރާތުގެ ވަނަތަކަށް ނަވާޒު، ޖައުފަރު އަދި މިހާޒް

މިއަހަރުގެ ތިމާވެށީގެ ދުވަސް (ޖޫން 5) އާ ގުޅިގެން ހުޅުވާލި، “ޗާލުހާދާލު” ފޮޓޮގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކޮށް، ވަނަތައް ޙާޞިލުކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްފިއެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މިމުބާރާތުގެ 1 ވަނަ ޙާޞިލުކުރީ، ކުޅުދުއްފުށީ ޢަބީރު، ނަވާޒު އަސްޢަދެވެ. 2 ވަނަ ޙާޞިލުކުރީ ކުޅުދުއްފުށީ ނަޖަފް، ޖަޢުފަރު ޢަލީ އެވެ. އަދި 3 ވަނަ ޙާޞިލުކުރީ ކުޅުދުއްފުށީ ނީލްވިލާ މުޙައްމަދު މިހާޒެވެ.

މިމުބާރާތުގައި 11 ފަރާތަކުން ޖުމްލަ 82 ފޮޓޯ ބައިވެރިކޮށްފައި ވެއެވެ. މުބާރާތުގެ 1 ވަނައަށް 2500 ރުފިޔާ 2 ވަނައަށް 1500 ރުފިޔާ އަދި 3 ވަނައަށް 1000 ރުފިޔާ ހުށަހެޅިފައި ވެއެވެ.

މުބާރާތުގެ ކެޓަގަރީގެ ގޮތުގައި، ހދ. އަތޮޅުގެ ޤުދުރަތީ ރީތިކަން، ހދ. އަތޮޅުގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި ނުރައްކާތައް އަދި  ހދ. އަތޮޅުގެ ޤުދުރަތީ ދިރުންތައް ހިމެނިފައި ވެއެވެ.

މި މުބާރާތުގެ މަޤްސަދަކީ ހދ. އަތޮޅުގެ ޤުދުރަތީ ރީތިކަން ހާމަކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ވެށީގެ ހާލަތު ފޮޓޯގެ ޒަރީއާއިން ބަޔާންކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމެވެ.