ތިލަދެކުނު ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ކޮރަލްސް ހޯދައިފި

ތިލަދެކުނު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ބަލިކޮށް ކުޅުދުއްފުށީ ކްލަބް ކޮރަލްސް ޗެމްޕިއަންކަން ހޯދައިފިއެވެ.

2024 ސެޕްޓެމްބަރ 22 ވަނަ ދުވަހު ހަވީރު ކުޅެވުނު، ފައިނަލް މެޗުގައި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ މައްޗަށް ކްލަބް ކޮރަލްސް އިން ކުރި ހޯދީ 5-0 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް ކޮރަލްސްގެ ޖާރޒީ ނަންބަރު 10، އިބްރާހީމް އޮލަޑިމެޖީ ޖިމޯ އެވެ.

ފައިނަލް މެޗަށްފަހު ބޭއްވުނު ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތަށް އެހީތެރިވި ފަރާތްތަކަށާއި އެކިވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީއާއި މެޑަލް ޙަވާލު ކުރެވުނެވެ.

މުބާރާތުގެ ޚާއްޞަ ވަނަތަކަށް ބަލާއިރު، އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ހޯދައިފައިވަނީ ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބްގެ ޖާރޒީ ނަންބަރު 4 މުހައްމަދު ނިޒާމެވެ. އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ހޯދާފައިވަނީ އެޓީމުގެ ޖާރޒީ ނަންބަރު 5، އައްޒާމް ޢަބްދުﷲ އެވެ. އަދި އެންމެ މޮޅު ސްޓްރައިކަރަކަށް ހޮވުނީ ކުލަބް ކޮރަލްސްގެ ޖާރޒީ ނަންބަރު 71 ސާލިމް މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ޙާޞިލުކޮށްފައިވަނީ ކްލަބް ކޮރަލްސްގެ ޖާރޒީ ނަންބަރު 20، މާހީ ޢަބްދުﷲ އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ މަގުލަސް ކްލަބްގެ ޖާރޒީ ނަންބަރު 9، މުޙައްމަދު އަނޫސް އާދަމެވެ. އެންމެ މޮޅު ކޯޗަކަށް ކްލަބް ކޮރަލްސްގެ ކޯޗު، އިބްރާހީމް އާސިފް ހޮވުނުއިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ މުޅި މުބާރާތުގައި ޖެހި 9 ލަނޑާއެކު ކްލަބް ކޮރަލްސްގެ ޖާރޒީ ނަންބަރު 71 ސާލިމް މުހައްމަދެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޙާޞިލުކޮށްފައިވަނީވެސް ސާލިމް މުހައްމަދެވެ.

މިމުބާރާތުގެ ރަނަރަޕް ޓީމަކީ ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބެވެ. ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ.

ހދ. އަތޮޅުގެ ކްލަބް ޖަމްޢިއްޔާ ތަކަށް ހުޅުވާލައިގެން ބޭއްވި މިމުބާރާތުގެ ޗެމްޕިއަން ޓީމަށް، ފަންސާސްހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ތިރީސްހާސް ރުފިޔާ ހުށަހެޅިފައި ވެއެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން އެންމެފަހުން ފުޓުބޯޅަ މުބާރާތެއް ހދ.އަތޮޅު ކައުންސިލުން ބޭއްވީ 2017 ވަނަ އަހަރު އެވެ. ހދ. އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ނަމުގައި ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދީ ކުލަބް ކޮރަލްސް އެވެ.