ހދ. އަތޮޅު ކައުންސިލްގެ ރައީސް، މުޙައްމަދު ވަޙީދު ހުވާ ކުރައްވައިފި

ހދ. އަތޮޅު ކައުންސިލަށް އަލަށް އިންތިޚާބު ވެވަޑައިގެންނެވި ހދ. ހިރިމަރަދޫ ގުރަހަލި، އަލްފާޟިލް މުޙައްމަދު ވަޙީދު ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވައިފި އެވެ.

ކައުންސިލްގެ އައު ރައީސް ހުވާކުރެއްވުމަށް 20 ޖަނަވަރީ 2025 ގައި ހދ. އަތޮޅު ސްޓޭޓް ހައުސްގައި ބޭއްވި ދަރުބާރުގައި ހުވާ ލައިދެއްވީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުހައްމަދު އިސްމާއިލެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވުމާ ގުޅިގެން، އެމަޤާމަށް ކުރިމަތި ލެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލެއްވުމުން، ކުރިމަތިލެއްވީ އަލްފާޟިލް މުހައްމަދު ވަހީދު އެކަންޏެވެ. އެހެންކަމުން، އެމަނިކުފާނު އަތޮޅު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ އިންތިޚާބަކާ ނުލައެވެ.

ރައީސް ހުވާ ކުރެއްވުމަށް ބޭއްވުނު ދަރުބާރުގައި އަތޮޅު ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންނާއި ކުޅުދުއްފުށީގެ މުއައްސަސާ ތަކުގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.