ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްކަމަށް ޢަބްދުﷲ އަސްލަމް އިންތިޚާބު ކުރައްވައިފި
ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަގާމަށް، އަތޮޅު ކައުންސިލްގެ މެންބަރު، ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އިންތިޚާބުކުރައްވައިފި އެވެ.
އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވި، މުޙައްމަދު ވަޙީދު، ކައުންސިލްގެ ރައީސަކަށް އިންތިޚާބުވުމާ ގުޅިގެން ހުސްވެފައިވާ ނާއިބު ރައީސް އިންތިޚާބު ކުރައްވާފައިވަނީ، 20 ޖަނަވަރީ 2025 ގައި ބޭއްވުނު ކައުންސިލްގެ 159 ވަނަ ޢާންމު ބައްދަލު ވުމުގައެވެ.
މި ބައްދަލުވުމުގައި ނާއިބު ރައީސްގެ މަޤާމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން މިމަޤާމަށް ކުރިމަތި ލައްވާފައިވަނީ ޢަބްދުﷲ އަސްލަމް އެކަންޏެވެ. މި މަޤާމަށް ޢަބްދުﷲ އަސްލަމް އިންތީޚާބު ކުރައްވާފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ އިއްތިފާޤުންނެވެ.
13 މެންބަރުން ހިމެނިވަޑައިގަންނަވާ ކައުންސިލްގެ މި ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަނާއި ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޒާމިރެވެ.