ނޮޅިވަރަމުގައި ޢިމާރާތްކުރި “ކައުންސިލް ހިޔާ” ހުޅުވައިފި

ހދ. އަތޮޅު ކައުންސިލާއި ނޮޅިވަރަމު ކައުންސިލް ގުޅިގެން ޢިމާރާތްކުރި ދެކޮޓަރީގެ އެޕާރޓްމަންޓް، “ކައުންސިލް ހިޔާ” ހުޅުވައިފިއެވެ.

ރަށު ކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށްޓަކައި، ދެކައުންސިލްގެ ހިއްސާއާއެކު ހެދި މިޢިމާރާތް ހުޅުއްވައި ދެއްވީ، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަނާއި، ނޮޅިވަރަމު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ރަޝީދެވެ.

މިކަމަށްޓަކައި، 06 އޯގަސްޓް 2018 ގައި ނޮޅިވަރަމުގައި ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން، އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަން ވިދާޅުވި، ކައުންސިލުން މަސައްކަތް ކުރަނީ، ހދ.އަތޮޅުގެ ތަރައްޤީއަށް ކަމަށާއި، ހދ. އަތޮޅު ކައުންސިލްގެ މާލިއްޔަތަށް މިހާރު ލިބޭ އާމްދަނީ ދެ ގުނައަށް އިތުރު ކުރުމަކީ ކައުންސިލްގެ އަމާޒެއްކަމަށެވެ. އެގޮތުން، އަތޮޅު ކައުންސިލްގެ އާންމުދަނީއަށް މިހާރު ލިބޭ 50،000ރ މިދައުރު ނިމުމުގެ ކުރިން އެއްލައްކަ ރުފިޔާއަށް އިތުރު ކުރައްވާނެ ކަމަށާއި އަދި މިދައުރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ މިފަދަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޙުސައިން ޙަސަން އިތުރަށް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ލެވެލްގައި، މިވަރުގެ ބިޔަ މަޝްރޫއެއް ރާއްޖޭގައި އަދި ނުހިންގާކަމަށާއި، މިކައުންސިލުން ހޭދަކުރާ ވަރަށް އެހެން ކައުންސިލަކުން ޚަރަދު ނުކުރާކަމަށާއި، މިމަޝްރޫޢު މިހިންގެނީ އަތޮޅު ކައުންސިލާ ގުޅިގެން ރަށު ކައުންސިލްތަކުން މަސައްކަތް ކުރައްވާތީ ކަމަށެވެ.

ނޮޅިވަރަމްގައި ދެ ކޮޓަރީގެ ޢިމާރާތުގެ ބިންގާ އަޅާފައިވަނީ މިއަހަރު ފެބްރުއަރީމަހުގެ ތެރޭގައި އެވެ. އެރަށު އަލްނާ ކާޕެންޓްރީއާ ހަވާލުކޮށްގެން ހެދި މިތަން އިމާރާތްކުރުމަށް 350،000ރ ޚަރަދުކޮށްފައިވެ އެވެ. މިޢިމާރާތަށް، އަތޮޅު ކައުންސިލުން 175،000ރ އާއި ނޮޅިވަރަމް ކައުންސިލްގެ ބަޖެޓުން 175،000ރ ހޭދަކޮށްފައި ވެއެވެ.