ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަސްވެނިވުން ބާއްވައިފި
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ހދ.އަތޮޅު ކައުންސިލް ގުޅިގެން ބޭއްވި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން 2017 ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވި މިކޯސް ފުރިހަމަކޮށް 16 ފަރާތަކުން ސެޓްފިކެޓް ޙާޞިލު ކުރައްވާފައިވެއެވެ. ސެޓްފިކެޓް ޙާޞިލުކުރެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ހދ.އަތޮޅު ކައުންސިލާއި، ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލާއި، ކުޅުދުއްފުށީ ކޯޓު އަދި ކުޅުދުއްފުށީ ކައުންސިލާއި، ޕޮލިސް ސަރވިސްގައި މިހާރުވެސް ޚިދުމަތުގައި ތިއްބެވި މުވައްޒަފުންނެވެ.
މިކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 14 ސެޕްޓެމްބަރ 2018 ވީ ހުކުރުދުވަހުގެރޭ އެން.އޯ.ސީ ހޯލުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް، ޑޮކްޓަރ އިބްރާހީމް ޒުހުރީއެވެ.
މިރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން، އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދު ވިދާޅުވީ، 2015 ވަނަ އަހަރު އަތޮޅު ކައުންސިލުން ފެއްޓެވި “އާރޯ ޕްރޮގްރާމް” އަކީ ސަރުކާރުގެ މުވައްޒަފުންގެ ފެންވަރު މަތިކޮށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހި ކޮށްދެއްވުމަށް ފެއްޓެވި ޕްރޮގްރާމެއް ކަމަށެވެ. އެޕްރޮގްރާމުގެ ދަށުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި އަދި ރާއްޖެއާއި ރާއްޖޭންބޭރުގެ ކޮލެޖް، ޔުނިވަސިޓީތަކުން ކިޔެވުމަށް ފުރުޞަތު ހޯއްދަވައިދެއްވާފައިވާ، އަދި ތަފާތު ގިނަ ތަމްރީނު ޕްރޮގްރާމުތައް ބާއްވާފައިވާ ކަމުގައި އަލްފާޟިލް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކެވީ އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް ޢަބްދުﷲ އިޤްބަލެވެ. ކުޅުދުއްފުށީގައިހުރި ބައެއް މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން މިރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މިއީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ 3 ވަނަ ބެޗެވެ. މީގެ ކުރީންވަނީ، ޑިޕްލޮމާ އިން އޮފީސް އެޑްމނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގެ ބެެޗެއްވެސް ކުޅުދުއްފުށީގައި ހިންގާފައެވެ.