ފައިސާއާބެހޭ ހުނަރުތައް އިތުރު ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
ފައިސާއާބެހޭ ހުނަރު އިތުރު ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ހދ.އަތޮޅު ކައުންސިލުން ބާއްވައިފިއެވެ.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ގުޅިގެން 3 ދުވަހުގެ މުއްދަތަށް ހިންގި މި މަސައްކަތު ބައްދަލުވުމުގައި ކުޅުދުއްފުށީގައިހުރި ސަރުކާރުގެ ބައެއް މުވައްސަސާ ތަކުން ޖުމްލަ 25 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
އެގޮތުން، ހދ.އަތޮޅު ކައުންސިލައި، ކުޅުދުއްފުށީ ކައުންސިލާއި، ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލާއި، ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ކެމްޕަސް އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ތަމްރީނުގައި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
މިމަސައްކަތު ބައްދަލުވުން ނިންމައި، ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ހދ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދެވެ. އިބްރާހީމް ރަޝީދު ބައިވެރިންނާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ތަމްރީނުން ލިބުނު މަޢުލޫމާތަކީ، ބޭނުންތެރި މަޢުލޫމާތު ތަކެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ބައިވެރިން ދެއްވި ޝައުޤުވެރިކަމަށާއި، ހޭދަކުރެއްވި ވަގުތަށް ޝުކުރުއަދާކުރައްވައި، ލިބުނު ފިލާވަޅުތަކުގެ މަޢުލޫމަތުގެ ބޭނުން މަސައްކަތުގެ މާހައުލުގައި ބޭނުން ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތްތަނުގައިވެސް އެކިދާއިރާތަކުން، މުވައްޒަފުންނަށް އަމާޒުކޮށް ތަމްރީނުތައް ހަމަޖައްސަވާނެ ކަމުގައި ހަމަކުރެއްވިއެވެ.
2018 ސެޕްޓެމްބަރ 13 އިން 15 އަށް ހިންގި މިމަސައްކަތު ބައްދަލުވުމުގައި، މައުލޫމޫތު ދެވުނު ބައިތަކުގެ ތެރޭގައި ބަޖެޓް ޕްލޭން އެކުލަވާލައި، ބަޖެޓް ތައްޔާރުކުރާނެ ގޮތާއި ކޭޝްފްލޯ މެނޭޖްމަންޓް ދަސްކޮށްދެއްވިފައި ވެއެވެ. މީގެ އިތުރުން، ދައުލަތުގެ ސެންޓްރަލް ބޭންކުގެ ދައުރާއި، އޮޑިޓިންގ، ބުކްކީޕިންގ އަދި މިނޫންވެސް ފައިސާއާގުޅޭ ދާއިރާތަކުން ބައިވެރިންނަށް ތަފާތު މަޢުލޫމާތު ފޯރުކޮށް ދެވިފައި ވެއެވެ.
މިމަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންނަގަވައި ދެއްވީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހަމަޖެއްސެވި ލެކްޗަރަރ އަލްފާޟިލް މަސްއޫދު މުޙައްމަދެވެ.