އަތޮޅު ޤުރުއާން މުބާރާތް ހޮސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް (ހޮސްޓް ކުރުމުގެ) ފުރުޞަތު ރަށު ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.

ކޮންމެ އަހަރަކުވެސް މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 11 އިން 13 އަށެވެ.

އަތޮޅު މުބާރާތް ބާއްވަން އެދޭ ރަށްރަށުން 10 ފެބްރުއަރީ 2019 ގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ. މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމުގައި އަތޮޅު ކައުންސިލުން އިސްކަންދެނީ، ކައުންސިލުން އެންމެ ޚަރަދު ކުޑަކޮށް، ފެންވަރު ރަނގަޅު އިންތިޒާމެއްގެ މަތީން ބޭއްވުމަށް ހުށަހަޅާ ރަށަކަށެވެ.

މިމުބާރާތުގައި ބައިވެރިވެވެނީ ރަށު ޤުރުއާން މުބާރާތުން ހޮވޭ، އެރަށް ތަމްސީލު ކުރާނެ ޓީމަކަށެވެ. މިމުބާރާތުގެ މުޤައްރަރަށް މިފަހަރު ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މިއަހަރުގެ މުބާރާތް ބަހާލާފައިވަނީ ޖުމްލަ ދެޢުމުރު ފުރާއަކަށެވެ. އެއީ 9 އަހަރުން ދަށުގެ ކުޑަކުދީންނާއި 9 އަހަރުން މަތީގެ ޢުމުރުފުރާއެވެ.

އެގޮތުން، 9 އަހަރުން ދަށުގެ ކުދީން ނުބަލާ ކިޔެވުމަށް ހަމަޖެހިފައިވަނީ ސޫރަތުއްޟުޙާއިން ދަށެވެ. އަދި ބަލައިގެން ކިޔެވުމަށް ހަމަޖެހިފައިވަނީ ޢައްމާ ފޮތެވެ. 9 އަހަރުން މަތީގެ ކުދީން ނުބަލާ ކިޔެވުމަށް ހަމަޖެހިފައިވަނީ 2 ފޮތް، 3 ފޮތް އަދި 5 ފޮތެވެ. އަދި ބަލައިގެން ކިޔެވުމަށް ކަނޑައަޅާފައިވަނީ 5 ފޮތް، 10 ފޮތް އަދި 20 ފޮތެވެ. އަތޮޅު މުބާރާތުގެ މުޤައްރަރަށް ބަދަލު ގެނެސްފައި މިވަނީ ޤައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ތައްޔާރު ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.