ޕްލާސްޓިކް މަދުކުރުމުގެ ގޮތުން، ހދ.އަތޮޅު ކައުންސިލްގެ މުވައްޒަފުން ބޭނުންކުރާނެ ފެންއަޅާ ފުޅިއެއް ތަޢާރަފް ކޮށްފި

އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން، ހދ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން ބޭނުންކުރާނެ ފެންއަޅާ ފުޅިއެއް ތަޢާރަފް ކޮށްފިއެވެ.

އަތޮޅު ކައުންސިލްގެ މުވައްޒަފުން ބޯފެން އެޅުމަށްޓަކައި، ތައްޔަރު ކުރެވުނު ޚާއްޞަ ފުޅި ޙަވާލު ކޮށްފައިވަނީ 01 އޭޕްރީލް 2019 ވީ ހޯމަ ދުވަހުގެރޭ ބޭއްވުނު މުވައްޒަފުންގެ ބައްދަލުވުމެއްގައެވެ. މުވައްޒަފުންނަށް ފުޅި ޙަވާލު ކޮށްދެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ޙަސަން އާއި، ކައުންސިލްގެ ޑިރެކްޓަރ އަލްފާޟިލް ޢަލީ އަބޫބަކުރެވެ.

މިފުޅިއަކީ، މުވައްޒަފުންގެ ނަންޖެހުމަށްފަހު ތައްޔަރު ކުރެވިފައިވަ ސްޓީލް ފިޅިއެކެވެ. ކައުންސިލް މެމްބަރުންނަށާއި، އިދާރީ މުވައްޒަފުންނަށާއި، ސަޕޯޓްސަރވިސް މުވައްޒަފުންގެ އިތުރުން ކައުންސިލުގެ ދަށުން މަސައްކަތް ކުރައްވާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގ ގެ މުވައްޒަފުންނަށްވެސް ފުޅި ޙަވާލު ކޮށްފައި ވެއެވެ. މިފުޅި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އޮފީހުގެ ރަސްމީ މަސައްކަތު ގަޑީގައާއި، އޮފީހުން އިންތިޒާމު ކުރާ އިވެންޓުތަކުގައި އަދި ނުރަސްމީ ގަޑީގައި އޮފީހުން ރަވާ އެހެނިހެން މަސައްކަތް ތަކުގައެވެ.

މިފުޅި ބޭނުން ކުރަން ފެށުމާއެކު، މުވައްޒަފުން ބުއިމަށްޓަކައި، ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ފެންފުޅި ބޭނުން ނުކުރާ ގޮތަށް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އޭގެ ބަދަލުގައި ދެން ކައުންސިލުން ބޭނުން ކުރަމުންދާނީ ފެން ފިލްޓަރ ކުރުމަށްފަހު، ސްޓީލް ފުޅީގައެވެ.