ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފައިނަލް މިއަދު
ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މިއަދު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވޭނެއެވެ.
މިމުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ޓީމު ކުޅުދުއްފުށީ އަދި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބެވެ. އަދި މިރޭ 8 ޖަހާއިރު ކުޅޭ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗްގައި ބއްްދަލު ކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި ޓީމު ނޮޅިވަރަމެވެ.
މިމުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލަށް ނޮޅިަވަރަންފަރު ސްޕޯރޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައިނަލުގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. އަދި ކުޅުދުއްފުށި ފައިނަލަށް ދިޔައީ، ސެމީ ފައިނަލުގައި ޓީމް ހަނިމާދޫ 3 ސެޓް 1 ސެޓުން ބަލި ކުރުމަށްފަހުގައެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލަށް ކުޅުދުއްފުށި އަދި ނޮޅިވަރަން ދިޔައީ ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ފިރިހެން ޑިވިޜަންގައި ދެންވާދަކުރީ ވައިކަރަދޫ ވިއެސް އަދި ޓީމު ފިނެއެވެ.
2019 ސެޕްޓެމްބަރ 20 އިން 29 އަށް ކުރިއަށްދާ މިމުބާރާތުގައި އަންހެން 6 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވެފައި ވެއެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ދިހަހާސްރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތްހާސް ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެއެވެ.
މުބާރާތް ކުރިއަށް ގެންދަނީ ޑަބްލިއު ސްޕޯރޓްސް އެކެޑަމީގެ ފަރާތުންނެވެ.