އަތޮޅު ކައުންސިލްގެ ރައީސަކަށް އާޠިފް، ނާއިބު ރައީސަކަށް ވަސީމް އިންތިޚާބު ކުރައްވައިފި
ހދ. އަތޮޅު ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސަކަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްފާޟިލް އަޙްމަދު އާޠިފް، އަދި ނާއިބު ރައީސަކަށް ވައިކަރަދޫ ދާއިރާގެ މެމްބަރު އަލްފާޟިލް މުޙައްމަދު ވަސީމް އިންތިޚާބު ކުރައްވައިފިއެވެ.
މިއަދު 10:30 ގައި ބޭއްވުނު ހދ. އަތޮޅު ކައުންސިގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސްކަމުގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލެއްވުމުން އެމަޤާމަށް ކުިރމަތި ލެއްވީ ހަމައެކަނި އަޙްމަދު އާޠިފްއެވެ. މިމަޤާމަށް އާޠިފް އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވި 6 މެންބަރުންގެ އިއްތިފާޤުންނެވެ.
ނައިބުރައީސްގެ މަޤާމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅޫވާލެއްވުމުން، ވައިކަރަދޫ ދާއިރާގެ މެމްބަރު އަލްފާޟިލް މުޙައްމަދު ވަސީމުގެ އިތުރުން ނޮޅިވަރަންފަރު ދާއިރާގެ މެމްބަރު އަލްފާޟިލް ޙުސައިން ޙަސަން ކުރިމަތި ލައްވާފައިވެއެވެ. ނަމަވެސް، ކޮންމެ ބޭފުޅަކަށްވެސް 3 ވޯޓު ލިބިގެން، ނަތީޖާ އެއްވަރު ވުމާގުޅިގެން، ދެވަނަ ފަހަރަށް މިމަޤާމަށް ފުރުޞަތު ހުޅުވާލެއްވުމުން ކުރިމަތި ލެއްވީ ހަމައެކަނި މުޙައްމަދު ވަސީމެވެ. އޭނާ މިމަޤާމަށް އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވި 6 މެމްބަރުންގެ ތެރެއިން 5 ވޯޓު ލިބިގެންނެވެ.
މިޖަލްސާގައި ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އާޠިފް ވާހަކަ ދެއްކެވިއެވެ. އާޠިފް ވިދާޅުވީ މިދައުރުގައިވެސް އަތޮޅު ކައުންސިލުން ކުރިއަށް ދާނީ ވަކިފިކުރަކަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންގެ މަންފާއަށް ކަމަށެވެ. އަދި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، ރައްޔިތުންގެ ޙައްޤުގައި ބަސްބުނަންޖެހޭ ހާލަތްތަކުގައި ބަސްބުނާނެކަމަށް އާޠިފް ވިދާޅުވިއެވެ..