188 ދަރިވަރުންނާއެކު، ތިލަދެކުނު ޤުރްއާން މުބާރާތް ފަށައިފި

188 ދަރިވަރުންނާއެކު، “ތިލަދެކުނު ޤުރްއާން މުބާރާތް 2023” މިއަދު ކުޅުދުއްފުށީގައި ފަށައިފިއެވެ.

މި މުބާރާތް ފައްޓަވައި ދެއްވީ، މިއަދު ހަވީރު އަފީފުއްދީން ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި، ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖެވެ.

އަތޮޅުގެ 15 ސްކޫލުން ދަރިވަރުން ވާދަކުރާ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 118 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފީގައި 70 ދަރިވަރުން ބައިވެރިވެއެވެ. މުބާރާތުގެ ޢުމުރުފުރާތައް ބަހާލެވިފައިވަނީ ފައުންޑޭޝަން ސްޓޭޖާއި، 5 ކީސްޓޭޖުގެ ދަރިވަރުން ވާދަކުރާ ގޮތަށެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގައި ކުރިއަށްދާ މި މުބާރާތް 2023 ސެޕްޓެމްބަރ 21 ން 23 އަށް ކުރިއަށް ދާނެއެވެ.

މިމުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ، އަލްޤާރީ އިބްރާހީމް ޝިފާޢު، އަލްޤާރީ އަޙްމަދު ތައުފީޤް އަދި އަލްޤާރީ އިބްރާހީމް ޝަރީފެއެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ.

އަތޮޅު ކައުންސިލުން އަހަރަކު އެއްފަހަރު ކުރިއަށްގެންދާ ޤުރްއާން މުބާރާތަކީ ދަރިވަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ޤުރްއާން ހިތުދަސްކޮށް، ތަޖުވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިއްވަރު ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.