ތިލަދެކުނު ވޮލީބޯޅަ މުބާރާތް މި އަހަރު ހދ. ވައިކަރަދޫގައި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ހދ. އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ހދ.ވައިކަރަދޫގައި ބާއްވަން ހަމަޖެހިއްޖެއެވެ.

މުބާރާތް އިންތިޒާމްކޮށްދޭނެ ފަރާތެއް ހޯދުމަށް އަތޮޅުކައުންސިލްއިން ކުރި އިޢުލާނާއި ގުޅިގެން ބިޑު ހުށައެޅި 3 ފަރާތުގެ ތެރެއިން މިފަހަރުގެ ބިޑު ކާމިޔާބުކޮށް މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ލިބިފައިވަނީ ވައިކަރަދޫ އިންސްޕިރޭޝަން ފޯ ޔޫތު އެމްޕަވަރމެންޓް އެންޑް ސްޕޯރޓްސް (ވިޔެސް) އަށެވެ.

މި މުބާރާތް ކުރިއަށްގެންދަނީ އަންހެން އަދި ފިރިހެން ޑިވިޜަން ހިމެނޭ ގޮތަށެވެ. ކޮންމެ ޑިވިޜަންއެއްގެ ޗެމްޕިއަންޓީމަށް -/35000 އަދި ރަނަރަޕް ޓީމަށް -/15000 ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެމުބާރާތުގައި ފިރިހެން ޑިވިޜަންގައި 4 ޓީމު އަދި އަންހެން ޑިވިޜަންގައި  5 ޓީމު ބައިވެރިވެފައި ވެއެވެ. ފިރިހެން ޑިވިޜަންގެ ޓީމް ތަކަކީ ، ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް،ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.

އަންހެން ޑިވިޜަންގައި ހިމެނެނީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް އަދި ވައިކަރަދޫ ޓީމް ވިޔެސް އާއި ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

ވައިކަރަދޫ ވޮލީ ކޯޓުގައި ނޮވެމްބަރުމަހުގެ 03 ން ފެށިގެން ކުރިއަށް ގެންދިއުމަށް ތާވަލު ކުރެވިފައިވާ މިމުބާރާތުގެ ގުރުއަތުލުން އޮންނާނީ 30 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހުއެވެ.