ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ލައިކަން ހޯދައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ.

ހދ. އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ނޮވެންބަރު 3 ން 14 އަށް ހދ.ވައިކަރަދޫގައި ބޭއްވި މިއަހަރުގެ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކަން ހޯދީ ފައިނަލް މެޗުގައި ޓީމު ހަނިމާދޫއާ ބައްދަލުކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. އަންގާރަ ދުވަހު ހަވީރު ކުޅެވުނު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލައިކަންގެ ޖޯޒީ ނަންބަރު 11 ފާޠިމަތު ޖޫޒާން އެވެ.

އަންހެން ޑިވިޜަންގެ ފައިނަލް މެޗް ނިމުމާއެކު އެޑިވިޜަންގެ ނަތީޖާ ފާޅުކުރުން ކުރިޔަށް ގެންގޮސްފައިވެއެވެ. އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ވައިކަރަދޫ ވިޔެސް ވޮލީޓީމެވެ. އަންހެން ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ލައިކަންގެ ކޯޗް ޢަބްދުއްރަޝީދު މުޙައްމަދެވެ.

އަންހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ލައިކަންގެ އައިމިނަތު އަރީޝާ އާއި ފާޠިމަތު ޖޫޒާން އާއި  ހައްވާ ޝަޚާގެ އިތުރުން ޓީމް ހަނިމާދޫގެ ހައްވާ ރާޝިދާ އާއި މަލްދާ މަސްޢޫދު އަދި ނޭކުރެންދޫ ވިމެންސް ވޮލީޓީމްގެ ޢާއިޝަތު އުނޭޝާއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ހދ. އަތޮޅު ކައުންސިލް އިންދޭ -/35000 ރުފިޔާގެ ފައިސާގެ އިނާމާއި ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލްމެޗްގެ ޝަރަފްވެރި މެހެމާނު، އެކްސަސައިޒް އެންޑް ފިޓްނެސް ކޮންސަލްޓަންޓް އަބްދުލްރައްޒާޤް އިބްރާހީމްއެވެ. ރަނަރަޕް ޓީމަށް -/15000 ގެ ފައިސާގެ އިނާމް ހުށައަޅާފައިވާ މި މުބާރާތުގެ އަންހެން ރަނަރަޕްކަން ލިބިފައިވަނީ ޓީމް ހަނިމާދޫ އަށެވެ.

ތިލަދެކުނު ވޮލީބޯޅަ މުބާރާތް މިއަހަރު ހޯސްޓްކޮށް ކުރިއަށްގެސްގޮސް ދެއްވާފައިވަނީ ވައިކަރަދޫ އިންސްޕިރޭޝަން ފޯ ޔޫތު އެމްޕަވަރމެންޓް އެންޑް ސްޕޯރޓްސް ( ވިޔެސް ) ޖަމިއްޔާއިންނެވެ.

.