ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް ހަނިމާދޫ ހޯދައިފި
ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ މިއަހަރުގެ ޗެމްޕިއަންކަން ޓީމު ހަނިމާދޫ ހޯދައިފިއެވެ.
ހދ. އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ނޮވެންބަރު 3 ން 14 އަށް ހދ.ވައިކަރަދޫގައި ބޭއްވި މިއަހަރުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމު ހަނިމާދޫ ހޯދީ ފައިނަލް މެޗުގައި ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާ ބައްދަލުކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. އަންގާރަ ދުވަހު ރޭގަނޑު ކުޅެވުނު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފމެޗްގައި މޮޅު ކުޅުމެއް ދެއްކި ޓީމް ހަނިމާދޫގެ ޖޯޒީ ނަންބަރު 6 ޝަމާއީލް މުޙައްމަދެވެ.
ފިރިހެން ޑިވިޜަންގެ ފައިނަލް މެޗް ނިމުމާއެކު އެޑިވިޜަންގެ ނަތީޖާ ފާޅުކުރުން ކުރިޔަށް ގެންގޮސްފައިވެއެވެ. ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމު ހަނިމާދޫއެވެ. ފިރިހެން ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީމް ހަނިމާދޫގެ ކޯޗް މުޙައްމަދު ނާސިރެވެ.

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ޓީމް ހަނިމާދޫގެ އިސްމާއީލް ސާޖިދު، ޢަލީ މައުރޫފް، ޝުއައިބު ޢަބްދުއްލަތީފްގެ އިތުރުން ޓީމް ނައިވާދޫގެ އާދަމް ނަސީމް އާއި ޢަލީ ޝިމާލް އަދި ކުޅުދުއްފުށި ކުލަބް ކޮރަލްގެ އާދަމް ފައިރޫޒެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ހދ. އަތޮޅު ކައުންސިލް އިންދޭ -/35000 ރުފިޔާގެ ފައިސާގެ އިނާމާއި ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލްމެޗްގެ ޝަރަފްވެރި މެހެމާނު، އެކްސަސައިޒް އެންޑް ފިޓްނެސް ކޮންސަލްޓަންޓް އަބްދުލްރައްޒާޤް އިބްރާހީމްއެވެ. ރަނަރަޕް ޓީމަށް -/15000 ގެ ފައިސާގެ އިނާމް ހުށައަޅާފައިވާ މި މުބާރާތުގެ ފިރިހެން ރަނަރަޕްކަން ލިބިފައިވަނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސް އަށެވެ.
ތިލަދެކުނު ވޮލީބޯޅަ މުބާރާތް މިއަހަރު ހޯސްޓްކޮށް ކުރިއަށްގެސްގޮސް ދެއްވާފައިވަނީ ވައިކަރަދޫ އިންސްޕިރޭޝަން ފޯ ޔޫތު އެމްޕަވަރމެންޓް އެންޑް ސްޕޯރޓްސް ( ވިޔެސް ) ޖަމިއްޔާއިންނެވެ.