ތިލަދެކުނު ޤުރުއާން މުބާރާތް ހަނިމާދޫގައި ފަށައިފި
203 ދަރިވަރުންނާއެކު، ތިލަދެކުނު ޤުރްއާން މުބާރާތް 2024، ހދ. ހަނިމާދޫގައި ފަށައިފިއެވެ.
31 އޮކްޓޫބަރ 2024 ވީ ބުރާސްފަތި ދުވަހު ހަވީރު ފެށި މިމުބާރާތުގައި އަތޮޅުގެ 13 ރަށުން 15 ސްކޫލް ވާދަ ކުރެއެވެ. ފައުންޑޭޝަން ސްޓޭޖާއި، 5 ކީސްޓޭޖްގައި ދަރިވަރުން ވާދަކުރާ، މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފީގައި 117 ދަރިވަރުން ބައިވެރިވެފައިވާ އިރު، ނުބަލައި ކިޔެވުމުގެ ގޮފީގައި 86 ދަރިވަރުން ވާދަ ކުރެއެވެ.
ހަނިމާދޫ އިޖުތިމާޢީ މަރުކަރުގައި ކުރިޔަށްދާ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ، އަލްޤާރީ އަޙްމަދު ތައުފީޤް، އަލްޤާރީ އިބްރާހީމް ޝަރީޕް، އަދި އަލްޤާރީ މޫސާ އަޙްމަދެވެ.
މިއަހަރުގެ ޤުރްއާން މުބާރާތުގެ ކޯސްޕޮންސަރަކީ ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕެވެ. އެފަރާތުންވަނީ މުބާރާތުގެ އެންމެ މޮޅު ދަރިވަރަށް ޢުމްރާ ދަތުރެއް ހަދިޔާ ކުރައްވާފައެވެ.
މިމުބާރާތަކީ އަތޮޅުގެ ދަރިވަރުންނާއި ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުގެ ހަމަތަކުގެ މަތީން ރީތިކޮށް ކިޔެވުމަށް ހިއްވަރު ދިނުމާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭ ފަދަ ދަރިވަރުން އުފެއްދުމުގެ މަޤްސަދުގައި ކޮންމެ އަހަރަކުވެސް ހދ. އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ އަތޮޅު ފެންވަރުގެ މުބާރާތެކެވެ.

މުބާރާތުގެ ކިޔެވުން 02 ނޮވެމްބަރ 2024 ވާ ހަނިހިރު ދުވަހުގެ މެންދުރުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މުބާރާތުގެ ކިޔެވުން، ހދ. އަތޮޅު ކައުންސިލްގެ ޔޫޓިއުބް ޗެނަލުން ދަނީ ލައިވް ސްޓްރީމް ކުރަމުންނެވެ.
މުބާރާތުގައި ވާދަކުރާ ސްކޫލުތައް:
ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ހދ. އަތޮޅު މަދަރުސާ
ހދ. ހަނިމާދޫ ސްކޫލް، ހދ. ފިނޭ ސްކޫލް، ހދ. ނައިވާދޫ ސްކޫލް، ހދ. ހިރިމަރަދޫ ސްކޫލް، ހދ. ނޮޅިވަރަންފަރު ސްކޫލް
ހދ. ނެއްލައިދޫ ސްކޫލް، ހދ. ނޮޅިވަރަމު ސްކޫލް، ހދ. ކުރިނބީ ސްކޫލް، ހދ. ކުމުންދޫ ސްކޫލް، ހދ. ނޭކުރެންދޫ ސްކޫލް، ހދ. މަކުނުދޫ ސްކޫލް