ތިލަދެކުނު ޤުރްއާން މުބާރާތުގެ އެއްވަނަ، ޖަލާލުއްދީން ސްކޫލުގެ މަލްސޫން ހޯދައިފި

ތިލަދެކުނު ޤުރުއާން ކިޔެވުމުގެ މުބާރާތް 2024 ގެ ފަހުރުވެރި އެއްވަނަ ޖަލާލުއްދީން ސްކޫލްގެ އިބްރާހިމް މަލްސޫން މުހައްމަދު ހޯދައިފި އެވެ.

އަތޮޅުގެ 13 ރަށުގެ 15 ސްކޫލުން 203 ދަރިވަރުން ވާދަކުރި މިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިންވެސް 1 ވަނަ ހޯދާފައިވަނީ މަލްސޫން އެވެ. މުޅި މުބާރާތުން ދެވަނަ ހޯދީ މަކުނުދޫ ސްކޫލުގެ ނާޔާ ބިންތު އަޒްހަރު ޢަބުދުލްޢަލީމެވެ. އަދި މުޅި މުބާރާތުން ތިންވަނަ ޙާޞިލުކުރީ އަފީފުއްދީން ސްކޫލްގެ މުހައްމަދު ލަސަން ފަޒީލެވެ. ލަސަން ވަނީ ނުބަލާ ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 1 ވަނަ ހޯދާފައެވެ.

މުބާރާތުގެ 1 ވަނަ ޙާޞިލުކުރި އިބްރާހިމް މަލްސޫން މުހައްމަދަށް ވަނީ، މުބާރާތުގެ ކޯ-ސްޕޮންސަރ؛ ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ޢުމްރާ ދަތުރެއް ހަދިޔާ ކުރައްވާފައެވެ.

2024 އޮކްޓޫބަރ 31 އިން ނޮވެމްބަރ 2 އަށް، ހދ. ހަނިމާދޫގައި ކުރިޔަށް ގެނދެވުނު މިމުބާރާތުގެ އެއްވަނަ ސްކޫލްގެ މަގާމު ހޯދީ މަކުނުދޫ ސްކޫލެވެ. ދެވަނަ ސްކޫލަކަށް ނޮޅިވަރަމު ސްކޫލު ހޮވުނުއިރު، ތިންވަނަ ސްކޫލްގެ މަގާމު ލިބުނީ ޖަލާލުއްދީން ސްކޫލަށެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ޙާޞިލުކުރީ މަކުނުދޫ ސްކޫލުގެ ނާޔާ ބިންތު އަޒްހަރު ޢަބުދުލްޢަލީމެވެ. އަދި 3 ވަނަ ހޯދާފައިވަނީ މަކުނުދޫ ސްކޫލުގެ ކައުޘަރު އިބްރާހީމް ޝާކިރެވެ. ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ، ޖަލާލުއްދީން ސްކޫލުގެ ލޫޠު ޢަބްދުﷲ ހޯދިއިރު، 3 ވަނަ ޙާޞިލުކުރީ އަފީފުއްދީން ސްކޫލުގެ އިޒާން ޝިފާޒެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް. 02 ނޮވެމްބަރ 2024 ވީ ހޮނިހިރު ދުވަހުގެރޭ، ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮތްޕައި ނުބަލާ ކިޔެވުމުގެ ގޮފިން، އެކި ކީ-ސްޓޭޖްތަކުން 1 ވަނަ 2 ވަނަ 3 ވަނަ އަށް ހޮވުނު ދަރިވަރުންނަށްވެސް ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ ޙަވާލުކޮށްފައެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އަހުމަދު ތައުފީޤާއި އަލްޤާރީ އިބްރާހީމް ޝަރީޕް އަދި އަލްޤާރީ މޫސާ އަހުމަދެވެ.


ނިންމުމުގެ ރަސްމިއްޔާތުގެ ފޮޓޯ އަލްބަމް

ތިލަދެކުނު ޤުރްއާން މުބާރާތް 2024 – ނަތީޖާ ޝީޓު